jump to navigation

މިނިވަންކަން އަޅުގަނޑަށް އޮޅިއްޖެ! ޖުލައި 26, 2009

Posted by cry4allah in Uncategorized.
add a comment

”މިނިވަންކަން“ އަޅުގަނޑަށް އޮޅިއްޖެ!

khiyaalu_minivan

ދިވެހިރާއްޖެ 45ވަނަ މިނިވަން ދުވަހަކަށް ނޭވާލާ ހިނދުގައި އަދިވެސް އަޅުގަނޑަށް ސާފުނުވާ ކަމަކީ  [މިނިވަންކަން] މިލަފްޒު ގެ މާނަ އެވެ. މިއަދު ރާއްޖޭގެ ރައީސް އެވިދާޅުވިގޮތުގައި މިނިވަން ވުމަށްފަހު އުފެދޭ ވެރިކަން، ސީދާ ރައްޔިތުންގެ ވެރިކަމަކަށް ވުމަކީ މިނިވަންކަމުގެ ރުކުނެކެވެ. އަދި މިހާރު ރާއްޖޭގައި މިކުރެވޭ ވެރިކަމަކީ މީގެ ކުރިން ކުރެވުނު ވެރިކަންތަކާ ތަފާތު ވެރިކަމެއްކަމުގައި ވިދާޅުވިއެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ  މިނިވަންކަމޭ ބުނެވޭ ބަހުގެ މާނަ އަކީ އެމީހަކު ހިތަށް އެރި ގޮތަކަށް،ހިތަށް އެރި ދީނަކަށް،ހިތަށް އެރި ވާހަކަތަކެއް ދެއްކުމުގެ މިނިވަންކަން ދިނުންބާއެވެ. ފަހަރުގައި މިޚިޔާލު ގޯސްވެސް ވެދާނެއެވެ. އެއީ ޚިޔާލަކީ ތަފާތު އެއްޗަކަށް ވާތީއެވެ.

ނަމަވެސް ލޮލަށް ފެންނަން ހުރި، ދިރިހުރި މިސާލުތައް މި ޚިޔާލަށް ބާރުދޭހެން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އޭގެ ތެރޭގައި މިއަދުގެ ޒުވާން ޖީލުގެ ތެރެއިން ބޮޑު ޢަދަދެއް [ސެޓެނިކް] ފިކުރަށް ގޮސް ހުސްވާއިރު އެމަގަށްވެސް ކުދިން ދިޔުމަށް މިކިޔާ މިނިވަންކަން ބާރު ދެމުން ގެންދާތީއެވެ. މިފިކުރުގެ ނަތީޖާތައް ފެނިފައިވާ ބައެއް ޤައުމު ތަކުގެ ބެލެނިވެރީން މިއަދު، ޚުދު މި މިނިވަންކަން އެދަރީންނަށް ދެވުނީތީ ހިތާމަ ކުރެއެވެ. މިސާލަކަށް އިނގިރޭސި ވިލާތް ނެގިދާނެއެވެ. މިއީ ކާފަރުންނެވެ. ވީއިރު އިސްލާމުންނަށް މިހާލު ޖެއްސުމަށް އެބުނާ މިނިވަންކަން ދިނުމަކީ ހަމަ ހަޤީޤީ މިނިވަންކަންބާއެވެ. ފަހަރުގައި އަޅުގަނޑުގެ ޚިޔާލު ގޯސް ކަމުގައިވެސް ވެދާނެއެވެ.

ރައީސް ގެ ވާހަކަ ފުޅުގައި އެންމެ ބޮޑަށް ބާރުއަޅުއްވާ ގޮވާލައްވަނީ އަޅުގަނޑުމެންގެ މިސްރާބަށް ވާސިލު ވުމަށްޓަކައި އަޅުގަނޑުމެން ޑިމޮކްރަސީގެ މިނިޒާމް ހަރުދަނާ ކުރަންޖެހޭނެ ވާހަކައެވެ. މިހެން ވިދާޅުވުމުން ހިތަށް އަރަނީ މިކިޔާ ހަރުދަނާ ޑިމޮކްރަސީ އަކީ އަނެއްކާ ކޮންފަދަ ހަރުދަނާ ޑިމޮކްރަސީ އެއްބާއެވެ. އެހެނީ ފުރަަތަމަ މި ވެރިކަން ހިންގުމުގެ ނިޒާމަކީ ވެސް އަޅުގަނޑުމެން ކާފަރުން އަތުން ބަލައިގަތް ނިޒާމެކެެވެ. އަދި މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުންގެންދާ ކަމަށް ދަޢްވާކުރާ ޤައުމުތަކަށް ބަލާލީމާ ފެންނަނީ ކުރާ ދަޢްވާ އާއި ތަންފީޒުކުރާ ޢަމަލާ ދިމާ ދެކޮޅަށް ދާ މަންޒަރެވެ. ޑިމޮކްރަސީގެ މައިގަނޑު އެއް އަސާސް އަކީ ރައްޔިތުންގެ ބޮޑުބައި ބުނާ ގޮތަށް ކަން ނިންމުމެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސި ސިފައިން ނާއިންސާފުން އީރާގަށް އެރި ހިނދު އެދެޤައުމުގެ ރައްޔިތުންގެ އެއްކަލަ ބޮޑުބައިގަނޑު ރޮއެ ރޮއެ ތިއްބާ ވެރިކަމުގައި ތިބި އަނިޔާވެރީންގެ ނިންމުމަށް ކަން ކުރީއެވެ. މިއާ ޚިލާފަށް އިންސާނިއްޔަތު އެކަންކަމަށް އެއްބަސް ނުވެވޭ ޖަންގަލީގެ އުސޫލު ތަކަށްވެސް ބައެައްފަހަރު އެއްކަލަ ބޮޑުބައިގަނޑު ބުނުމުން ކަންކަން ނިންމާތަން ފެނެއެވެ. އޭގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން، ހަށި ވިއްކުމުގެ ވިޔަފާރި ހިމެނެއެވެ. އެހެންކަމުން ދިވެހިރައްޔިތުންވެސް ބޭނުމީ އަނެއްކާ މިފަދަ ނިޒާމެއްބާ؟ އަޅުގަނޑު ހަމަ ޔަޤީނުންވެސް މިފަދަ މިނިވަންކަމެއްދޭ ނިޒާމެއް ބޭނުމެއް ނޫން! ދެރަކަމަކީ ޚިޔާލަކީ ތަފާތު އެއްޗަކަށް ވާނެތީއެވެ.

ދެން ކިޔުންތެރިންގެ ހިތުގައި ސުވާލު އުފެދިދާނެ، އެހެންވީއިރު ހައްލަކީ ކޮބައިތޯއެވެ. އާނއެކެވެ! މިއަދު އަޅުގަނޑުމެން މިތިބީ މިކަމުގެ ޙައްލު ހަނދާން ނެތޭހާ ބޮޑަށް ނިދާފައެވެ. ޙައްލުގެ ތަފްޞީލަށް ދިޔުމުގެ ބަދަލުގައި އަޅުގަނޑު ކުޑަ އެއްޗެއް ބުނުމަށްފަހު ހަވާލު ކޮށްލާނީ ކިޔުންތެރިންނާއެވެ. އަޅުގަނޑުމެން މިތިބީ ﷲގެ ރަސޫލާ އީ މުހައްމަދު صلى الله عليه وسلم ކަމަށް ހެކިވެގެންނެވެ. އަދި  ﷲ سبحانه وتعالى އެކަލޭގެފާނު ފޮނުއްވެވީ މުޅި އިންސާނިއްޔަތަށް ނަމޫނާއެއްކަމުގައެވެ. އަދި ރަސޫލާ صلى الله عليه وسلم ވަނީ ބަހާ ޢަމަލުން އިސްލާމީ ނިޒާމަކީ އެންމެ ކާމިޔާބު އަދި އެންމެ އިންސާފުވެރި އަދި އެންމެ ފުރިހަމަ ނިޒާމް ކަން ދައްކަވާފައެވެ. މިކަމަކީ ތާރީޚް ދިރާސާ ކުރި ކާފަރުންވެސް މިކަމަށް ހެކިވެފައިވާ ކަންކަމެވެ. ނަމަވެސް ހިތާމައަކީ މިނަމޫނާގައި މިއަދު އަޅުގަނޑުމެން މުސްލިމުން ކޮޅުފައިން ޖަހާ އިސްލާމީ ނިޒާމުގެ މަތީން ހަނދާން ނެތިކޮށްލިކަމެވެ. އޭ ހައްދަވާގެންގުޅުއްވާ  ﷲ އެވެ! އެންމެހާ މުސްލިމުންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ! އާމީން.

ޠާލިބާނުންނާއި އަދުގެ މީޑިއާ ޖޫން 25, 2009

Posted by cry4allah in އިސްލާމްދީން, ދިވެހިން.
2 comments

ޠާލިބާނުންނާއި އަދުގެ މީޑިއާ

TalibanLAIS_468x283

މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިވެމުންދަނީ ޠާލިބާނުންގެ ހަރުކަށިކަމުގެ ވާހަކައެވެ. އެބޭފުޅުންގެ ހައްދުފަހަނައަޅާ ދިއުމުގެ ވާހަކައެވެ. އަޅުގަނޑު މިލިޔުމުގައި “ބޭފުޅުން” ބޭނުން ކުރެއްވުމުން، ވަރަށް އޮޑު ކަމަކަށް ވެދާނެއެވެ. އެކަމަކު، ކަންކަމުގެ އަޞްލު ޙަޤީޤަތް ހޯދުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން، “ބުޝް އާއި އޮބާމާ، މި ދެ ބޭފުޅުން” މިހެން ލިޔެވޭއިރު، އެކްސްޓްރީމިސްޓުންނޭ ކިޔުނަސް، މުސްލިމުންކަން އަޅުގަނޑުމެންނަށް ޔަޤީންވާ “ޠާލިބާނުންގެ ބޭފުޅުން” ނުލިޔެވެންވީ ކީއްވެގެންތޯއެވެ؟ ހިތާމަޔަކީ، ރާއްޖޭގެ މީޑިއާއާއި ނޫސްތަކުގައި މި ޙަޤީޤަތް ވެސް އޮޅުވާލާފައިވާތީއެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކުގައި، ޙަޤީޤީ ރުޅިވެރިކަން އޮންނަންޖެހޭ މީހުންނަށް ލޯބިޖެހި، ޙަޤީޤީ ލޯބި އޮންނަންޖެހޭ މީހުންނަށް އާދެވެނީ އަމަށުން ރުޅިއެކެވެ.

ކަންމިހެން އޮތުމާއިއެކު، ޠާލިބާނުންނަކީ ކޮން ބޭފުޅުންތަކެއްތޯ ކުރުގޮތަކަށް ބަލައިލާނަމެވެ. އަދި އެބޭފުޅުންގެ އަޞްލު މަޤްޞަދަކީ ކޮބައިކަމާއި އެބޭފުޅުންނާއި ބެހޭގޮތުން ދުނިޔޭގެ މީޑިޔާއިން އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކުގެ އަޞްލު ޙަޤީޤަތް ކިޔުންތެރިންނާއި ހަމައަށް ފޯރުކޮށްދެވޭތޯ ބަަލައިލާނަމެވެ.   ކުރިއަށް ވަޑައިގަންނަވާށެވެ.

ޠާލިބާނުންނަކީ ﷲ ގެ މަގުގައި ހަނގުރާމަ ކުރަމުންދާ ބޭފުޅުންތަކެކެވެ. ޕާކިސްތާނާއި އަފްޣާނިސްތާނުގައިވެސް އެބޭފުޅުން އުޅުއްވައެވެ. މިބޭފުޅުންގެ މަޤްޞަދަކީ ކުފުރުގެ ކިލަނބުކަމުން މިބިންމަތި ދޮވެލައި އިލާހީ ޝަރީޢަތުން ދުނިޔެ ދިލާސާކުރުމެވެ. އާދެ! ދުނިޔެއަށް ޙަޤީޤީ ޞުލްޙަ ގެނެސް، ފޭރިގަނެވިފައިވާ ޙައްޤުތައް އޭގެ ވެރިފަރާތްތަކަށް އަމާނަތްތެރިކަމާއި އެއްކޮށް ރައްދުކޮށްދިނުމެވެ. އަނިޔާ ލިބިފައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް އޯގާތެރި ހިތްހެޔޮ ލޮލަކުން ބަލައި އެހީވުމެވެ. އަނިޔާވެރިންނަށް ލިބެންޖެހޭ ޙައްޤު ޢުޤޫބާތް އެމީހުންނަށް ދިނުމެވެ. އެއްވެސް ކުށެއްނެތި ޝަހީދުކޮށްލެވިފައިވާ މައިންނާއި، ބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އުޚުތުންގެ އަގުހުރި ލޭތަކުގެ ބަދަލު ހިފުމެވެ. ނަޖިސް ބަނގުރާ  ތަށިތަކުގެ މަސްތުން އުއްމަތް މިންޖުކުރުމެވެ. ކަސްބީ އަންހެނުންގެ ފަރާތުން އުއްމަތް ނަޖާކޮށް، ޢިއްފަތްތެރި ވަފާދާރު އުޚުތުންތަކެއް ތަރުބިއްޔަތު ކުރުމެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ ފަނިއަޅައި ހަލާކުވެފައިވާ މިއުންމަތް އޭގެ އަޞްލު ޙާލަތަށް ރުޖޫޢަކުރުމެވެ. މިއީ ޠާލިބާނުންގެ އުއްމީދެވެ. އެހެންކަމުން އެބޭފުޅުންގެ އަމާޒަކަށްވީ މިއުއްމީދުގެ ކުންނަށް އަރައިވަޑައިގަތުމެވެ. އާދެ! މީގެ 1400 އަހަރުކުރިން ﷲގެ ނަބިއްޔާ (صلى الله عليه وسلم) އާއި އެކަލޭގެފާނަށްފަހު އިތުރު ޞަޙާބީންވެސް ޤާއިމްކުރެއްވި، އެޒަމާނުގައިވެސް މިޒަމާނުގައިވެސް ތަންފީޛުކުރަންޖެހޭ، ގަދަ ކީރިތިވަންތަ ﷲގެ ޝަރީޢަތް، އާދެ! އިސްލާމީ ޝަރީޢަތް މުޅި ދުނިޔޭގައި ޤާއިމްކުރުމެވެ. ދެން ފަހެ، މިބޭފުޅުންނަށް އެންމެ އެކަށީގެންވާ ލަގަބަކީ ކޮބައިތޯއެވެ؟ ﷲގެ މަގުގައި ޖިހާދުކުރައްވާ މުޖާހިދުން ނުވަތަ ޓެރަރިސްޓުން ތޯއެވެ؟

އާދެ! ޝައްކެއްވެސް ނެތްގޮތުގައި މުޖާހިދުންނެވެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގެންފައިވާ ފަދައިން، ދުނިޔޭގެ ކުފުރުގެ ބޮޑެތި ޤައުމުތަކުން މުޑިނަގަމުންދަނީ މުސްލިމުން އިލާހީ ޝަރީޢަތާއި ފޭކޮށް، އެޚިންޒީރުންގެ ވަޟަޢީ ޤާނޫނު ތަންފީޛު ކުރުމަށެވެ. މިދެންނެވި ގެއްލުންދެނިވި ކަންތައް ކުރުމަށްޓަކައި، މިޚިންޒީރުންތައް ބޮޑެތި ޚަރަދު ބަރަދުކޮށް މުސްލިމު ޤައުމުތަކުގެ ވެރިންނޭ މިކިޔާ ބައިގަނޑުތައްވަނީ ޑޮލަރުގެ ކެހިވެރިކަމުގައި ޖައްސައި، އެމެރިކާނުންގެ ޣުލާމުންނަށް ހަދާލައިފައެވެ. އަދި މިބުނާ ވެރިންތައް އެބައިމީހުންނާއި އެއް މަޖުލީހެއްގައި އިށީނދެތިބެ އުސްތުނބަށް އަޅައިލެވިފައިވާ ރާތަށިތަކުގެ މަސްތުގައިޖެހި، ﷲ ގެ ފޮތަށް ޙުކުމް ކުރިޔަ ނުދިނުމަށްޓަކައި މިޚިންޒީރުންނާއި ގުޅި، އެޅިހައި ބަތަކަށް ރިހަ ކިޔައިގެން ﷲ ގެ ޝަރީޢަތް މިބިންމަތީގައި ތަންފީޛު ކުރުމަށް ބޭނުންވާ މުސްލިމު އަޚުންނާއި އުޚްތުން ނައްތާލުމަށް ވަނީ އެއްބަސްވެފައެވެ. އެއީ، މިބުނާ ވެރިންތަކުގެ ގޮނޑި ދިފާޢުކޮށް ލެހެއްޓުމަށް އެމެރިކާގެ ކުފުރު ދަޢުލަތުން ވަޢުދު ވެފައިވާތީއާއި އެކުވެސްމެއެވެ.

ކަންމިހެން އޮތުމާއި އެކު، އެމެރިކާއިން ބޭނުންވީ ޠާލިބާން މުޖާހިދުންގެ ދުވަސް ދުއްވާލާށެވެ. ޚުދު އެމީހުން އެކަނި ކުރިމަތި ލައިގެން ޠާލިބާނުން މުޖާހިދުން ނައްތާ ނުލެވޭނެކަން އެމީހުން ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންކަމުން މިޚިންޒީރުންތައް ޠާލިބާނުންނާއި ދޭތެރޭ ޢާއްމު ރައްޔިތުންގެ ހިތުތެރޭގައި އުފެދިފައިވާ ލޯތްބާއި ކުލުނު ކިލަނބުކޮށްލުމަށް ނިންމިއެވެ. އެއީ، ޕާކިސްތާނުގެ ދާޚިލީ ހަނގުރާމައެއް ފެއްޓުމަށްޓަކައެވެ. އޭގެ ސަބަބުން އެމެރިކާނުންނަށް ލިބޭ ގެއްލުން ކުޑަވެ، ޕާކިސްތާނަށް އަރައިގަންނަން ފަސޭހަވާނެތީއެވެ. އެމެރިކާނުންގެ މިނުލަފާ ރޭވުން ކާމިޔާބު ކުރުމަށްޓަކައި އެބައިމީހުންގެ އެޖެންޓުންގެ އެހީ ވަރަށް ފުރިހަމަ ގޮތެއްގައި ހިފިއެވެ. އެގޮތުން މިހާރުގެ ރައީސް އާސިފު ޢަލީ ޒަރުދާރީ އާއި ވަޒީރު އަޢުޒަމް ޔޫސުފު ގީލާނީއާއި އެމް،ކިޔު.އެމްގެ މުއައްސިސު އަލްޠާފު ހުސައިން ފަދަ އަނިޔާވެރިން އެމެރިކާނުން ބޭނުންކުރިއެވެ. މިތިން މީހުންނަކީވެސް ޝިޔަޢީންނެވެ. ނަބިއްޔާ (صلى الله عليه وسلم) ގެ ލޮބުވެތި ޞަޙާބީންނަށް ނުބައިއެއްޗެހި ގޮވާ ކާފަރު ލީޑަރުންތަކެކެވެ.

އެމެރިކާގެ މިނުބައި ރޭވުން ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރި އެކަކީ އެމް.ކިޔު.އެމް ގެ މުއައްސިސު އަލްޠާފު ހުސައިންނެވެ. މިކަލޭގެ އަކީ އިނގިރޭސިންގެ ޙިމާޔަތުގައިވާ ބޮޑު ޤާތިލެކެވެ. މިބުނާ އަލްޠާފު ހުސައިން އިނގިރޭސި ވިލާތުގައި ހުރެ އޭނާގެ އަޢުވާނުން މެދުވެރިކޮށް ޠާލިބާން މުޖާހިދުންނާއި ބެހޭގޮތުން ބުހުތާން ދޮގު ޚުރާފާތުގެ ވާހަކަތައް ފަތުރައި، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އެއްވުންތައް ބާއްވާ މުޒާހަރާކުރިއެވެ. އާޚިރުގައި ތަނެއް ދޮރެއް ނޭނގޭ ގިނަ ބައެއްގެ ފިކުރު ބަދަލުވެ، ޠާލިބާނުންނަކީ ކުރިން މުޖާހިދުންނޭ ބުނެ އުޅުނު ބައެއް މީހުން، ޠާލިބާނުންނަކީ ޓެރަރިސްޓުންނޭ ބުނަން ފަށައިފިއެވެ. އަދި ޙައްދު ފަހަނައަޅައިގޮސް ތިބި ބައެކޭވެސް ބުނަން ފަށައިފިއެވެ. ޤައުމުގެ އެތަން މިތާގައި ޠާލިބާނު މުޖާހިދުންނާއި ދެކޮޅަށް ޕޯސްޓަރތަކާއި ބެނަރތައް ގިނަ ޢަދަދަކަށް ދަމާލިއެވެ. މިދޮގު މަޢުލޫމާތު ފެތުރުމުގައި އެޤައުމުގެ މީޑިޔާއިންވެސް ވަނީ ވަރަށް ބޮޑު ރޯލެއް އަދާކޮށްފައެވެ. އަދި މިވަރުން ފުއްދާލީކީއެއްވެސް ނޫނެވެ. ޤައުމުގެ އެކި ކަންކޮޅުތަކުގައި ގޮއްވުންތައް ގޮއްވާ މީހުން މަރަން ފެށިއެވެ. އަދި ފުދޭވަރަކަށް މަދަރުސާތައްވެސް ގޮއްވާހެދިއެވެ. މިހުރިހާކަމެއް ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ އަލްޠާފު ޙުސައިންގެ ޕާރޓީ އެމް،ކިޔު.އެމްގެ ޝިޔަޢީންނެވެ. މިޝިޔަޢީންނަކީ ރަޙުމެއް ހަމްދަރުދީއެއްވާ ބައެއް ނޫނެވެ. އެމް.ކިޔު.އެމްގެ ޝިޔަޢީން ހިންގި މިޙަރަކާތް ޚުދު އަޅުގަނޑަށްވެސް ވަނީ ވަރަށް ކައިރިން ފެނިފައެވެ.

ކަންމިހެން ހުރިއިރު، ދިވެހިރާއްޖޭގެ “ހަވީރު” ކަހަލަ ނޫސްތަކުގައިވެސް އަޅުގަނޑުމެންގެ މުސްލިމު އަޚުންކަމުގައިވާ ޠާލިބާނުންނާ ބެހޭގޮތުން އެމެރިކާނުން ފަތުރާ ކަހަލަ ޚުރާފާތުގެ ވާހަކަތައް ޝާއިޢު ކުރަމުން އެބަ ގެންދެއެވެ. އެބައިމީހުންގެ މީޑިޔާތައް ހާވައި ދޮގު ޚަބަރުތައް ނަގައި އެއްވެސް ކަހަލަ ތަޙުޤީޤަކާއި ނުލާ އެއަށް ބަރޯސާވެ ހުރެ އަޞްލާއި ޚިލާފަށް މުޅިން އިދިކޮޅަށް ޚަބަރުތައް ޝާއިޢު ކުރަނީއެވެ. މިއީ ﷲ ތަޢާލާގެ އަމުރުފުޅާއި މުޅިން ޚިލާފު ޢަމަލެކެވެ. އަޅުގަނޑުމެންނަށް ﷲ ޞުބްޙާނަހޫ ޥަތަޢާލާ އަމުރު ކުރައްވަނީ ފާސިޤުން ގެންނަ ޚަބަރުތައް ރަނގަޅަށް ތަޙްޤީޤުކޮށް އޭގެ ތެދު ދޮގު ބަލައި ޗެކްކުރުމަށެވެ. އެކަލާނގެ ޥަޙީކުރައްވަނީ  މިފަދައިންނެވެ.

يَا أَيُّهَا الَّذِينَ آَمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންގެ ގާތަށް ފާސިޤެއް ޚަބަރަކާއިގެން އަތުވެއްޖެނަމަ، ފަހެ ކަލޭމެން (އޭގެ ތެދު ދޮގު) ތަޙްޤީޤު ކުރާށެވެ! އެއީ ނޭނގިތިބެ ކަލޭމެންނަށް ބަޔަކަށް ގެއްލުމެއް ދެވިދާނެތީއެވެ. އަދި އެއީ، ކަލޭމެންނަށް ކުރެވުނު ކަންތަކުގެ މައްޗަށް (ފަހުން) ހިތާމަކުރާ ބައެއްގެގޮތުގައި ކަލޭމެން ވެދާނެތީއެވެ.” ( سورة الحجرات : 6)

އަޅުގަނޑުމެންގެ މުސްލިމުންގެ ދުޝްމަނުން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިން ތެދު ޚަބަރެއް ލިޔާނެ ހެއްޔެވެ؟ އެބައިމީހުންނަކީ އަބަދުވެސް މިބިންމަތިން އިސްލާމްދީން ފުހެލުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަމުންދާ ބައެކެވެ. ކުއްފާރުންގެ އަތުގައި މީޑިޔާގެ ކޮންޓްރޯލު އޮންނަވަރު ނިކަން ދެކިބައްލަވާށެވެ. މުސްލިމުންނަށް ކޮށްފައިވާ ބޮޑެތި އަނިޔާތައް އެބައިމީހުން އެއްވެސް މީޑިޔާއަކުން ހާމައެއް ނުކުރެއެވެ. އެންމެ ފަހުން އިސްލާމް އާބާދުގައި ލާލް މަސްޖިދާއި ޖާމިޢާ ޙަފްޞާގެ މުސްލިމު އަޚުންނާއި އުޚްތުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ޝަހީދުކޮށްލި 1500 އަށް ވުރެގިނަ އުޚްތުންގެ ވާހަކަ ހާމަކުރީ ކޮން މީޑިއާއަކުން ހެއްޔެވެ؟ ފޮސްފަރަސް ކެމިކަލް ބޭނުންކޮށް ފުހެލައިފާވާ ހަށިގަނޑުގެ ވާހަކަތައް ހާމަކުރީ ކޮން މީޑިއާއަކުން ހެއްޔެވެ؟ ލާލް މަސްޖިދު ވަށައިލެވިފައިވީއިރު، އެތަނަށް ވަދެ ޖާސޫސުކޮށްދިން ޖާސޫސު، ތާލިބާނުންގެ އަތްދަށުވެ، ކެމެރާގެކުރިމަތީގައި ހުރިހާކަމަކަށް އިޢުތިރާފުވިކަން ހާމަކުރީ ކޮން މީޑިއާއަކުން ހެއްޔެވެ؟ އަފްޣާނިސްތާނާއި، ޢިރާޤާއި، އަލްޖަޒާއިރާއި، ސޯމާލިއާގައި މުސްލިމުންނާއި ދެކޮޅަށް ދެމުންދާ އަނިޔާވެރި ޙަމަލާތަކުގެ ވާހަކަ ހާމަކުރަނީ ކޮން މީޑިއާއަކުން ހެއްޔެވެ؟ ދުވަހު ސިލްސިލާއެއް ގޮތަށް ޤަތުލުކުރެވެމުންދާ ޢާއްމުންގެ ވާހަކަ ހާމަކުރަނީ ކޮން ނޫހެއް އަދި މީޑިއާއަކުން ހެއްޔެވެ؟

އެހެންކަމުން، ދިވެހިރާއްޖޭގެ ހުރިހައި ޚަބަރު ފަތުރާ ވަޞީލަތްތަކަށް އަޅުގަނޑު ގޮވާލަނީ މުސްލިމުންނާއި ބެހޭގޮތުން ކުއްފާރުންގެ މީޑިޔާތަކުގައިވާ ޚަބަރުތައް ރަނގަޅަށް ދިރާސާކޮށް ކަމުގެ އަޞްލު ޙަޤީޤަތް ހާމަކޮށްދިނުމަށެވެ. އެހެން ނޫންނަމަ، އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަށް އޭގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.  އަދި އޭގެ ހިތި އަސަރު ފެނުމަކީ ދާދި ކައިރި ކަމެކެވެ! ނިކަން ދެނެލައްވާށެވެ! ޠާލިބާނު މުޖާހިދުން މިއަދު މިވަނީ މުޅި ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައެވެ. އެއީ އަލް-ޤާއިދާ، ނުވަތަ އައް-ޝަބާބުގެ ނުވަތަ އެނޫންވެސް އެތައްނަމެއްގައި ވިއެއްކަމަކު، އެބޭފުޅުންނަކީ ހަމަ އެއް މަޤުޞަދެއްގައި ގަދައަޅާ މަސައްކަތްކުރަމުންދާ މުޖާހިދުންނެވެ. މޮޅެތި ހަތިޔާރާއި ގިނަ ސިފައިންނާއި، ޓޭންކަރާއި ޖެޓުތަކުގެ އާޓު ދައްކަމުންދާ އެމެރިކާ އަޅި ބުރުވަމުން ދިޔަނަމަވެސް، މި ހަތިޔާރުގެ ގޮތުން ބަލި، މީސްކޮޅު މަދު މުޖާހިދުންތަކާއި ދެކޮޅަށް މުޅި ދުނިޔޭގެ އެހީ ހޯދައިގެންވެސް، ފެންނަމުންދަނީ ނާކާމިޔާބީއެވެ.

ކަންއޮތީ މިހެންކަމަށް ވާއިރު، އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ އާބާދީއެއް އެކުލެވިގެންވާ، ޓޫތުޕިކެއްހާ ހިސާބުވެސް ރާއްޖެއިން ބޭރުން އިންޕޯޓުކުރަމުންދާ ބައެކެވެ. ކާފަރުންނަށް ސަޖިދަ ޖަހަމުންދާ، މުރުތައްދު ވެރިން ހިމާޔަތްކުރަމުންދާ މަދު ސިފައިންކޮޅަކާއި ދެކޮޅަށް، ތާލިބާނު މުޖާހިދުން ހަނގުރާމަކުރަން ފަށައިފި ނަމަ، އަޅުނގަޑުމެންގެ ޙާލަތަށް ވާނެގޮތް ތިޔަބޭފުޅުން ނިކަން ވިސްނަވާ ބައްލަވާށެވެ!

ނަމަވެސް މީޑިއާއިން އެބޭފުޅުންނާއި ދެކޮޅަށް ޚަބަރު ފެތުރުމުގެ ސަބަބުން، ރާއްޖެއަށް އެބޭފުޅުންގެ ލޯތަައް ހުއްޓުމަކީ ދުރުކަމެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. އެހެނަސް އަންނަން އޮންނަ ވިލާގަނޑެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ވީމާ، އަޅުގަނޑުމެންގެ ކާބަފާއިން ބުނާ ގޮތުން ނަމަ، ރައްކާވެ ތިބިއްޔާ ދަތުރެކެވެ. އެހެން ދެއްތޯއެވެ؟

ކަރާޗީގައި ހިންގަމުންދާ އަނިޔާވެރި ޙަރަކާތްތަކުގެ އަޑީގައި ވަނީ ކޮންބައެއް؟ މޭ 17, 2009

Posted by cry4allah in ސިޔާސަތު.
1 comment so far

ކަރާޗީގެ ދާޚިލީ ޙާލަތު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ތަނުގެ އަމަންކަމާއި ސިޔާދަތު ނަގާލުމަށް ބަޔަކު ދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. ކުށެއްނެތް އެތައްބައެއް މެރުމުގެ އިތުރުން ޢާއްމުންގެ ސުހޫލަތައްޓަކައި ބިނާކުރެވިފައިވާ ބިނާތަކާއި ހެދިފައިވާ އެހެނިހެން ތަންތަންވެސް ބެލުމެއް ކެހުމެއްނެތި ތަޅާ ސުއްނާފަތި ކުރަމުންދަނީއެވެ. އެއްކޮޅުން ހަމަލާދެނީ މުހާޖިރުންނެވެ. އަނެއްކޮޅުން މަރުވަމުންދަނީ ފުޝްތޫއިން ނުވަތަ ޕަޓާނުނެވެ. މުހާޖިރުން ބޭނުންވަނީ ޕަޓާނުން ކަރާޗީއިން ބޭރުކޮށްލާ މުޅި ކަރާޗީ މުހާޖިރުންގެ މުށްތެރެއަށް ލާށެވެ.

އަޅުގަނޑަކީ ކަރާޗީގައި ކިޔަވަމުންދާ ކުއްޖަކީމެވެ. މިކަމުގައި ޚުދު އަޅުގަނޑަށް ފެނުނު މަންޒަރާއި ދުނިޔޭގެ މީޑިއާއިން ފަތުރަމުންދާ އަޑާއި މަންޒަރު ވަރަށް ތަފާތެވެ. ދުނިޔޭގެ މީޑިޔާއިން ކެނޑިނޭޅި ގޮވަމުންދަނީ ކަރާޗީގައި ކުރެވޭ ހަނގުރަމައަކީ ޠާލިބާނުންނާއި ދެކޮޅަށް ނުވަތަ ޠާލިބާނުންގެ ބާރު ކަނޑުވާލުމަށްޓަކައި ނުވަތަ އެބައިމީހުން ނުރައްކާ ޕާކިސްތާނަށް ބޮޑުވެދާނެތީވެ އެކަމުން މިންޖުކުރުވުމަށްޓަކައި ކުރެވޭ ޙަނގަރާމައެއްކަމެވެ.

މިހިންގާ ޤަތުލުޢާއްމުގެ ޙަޤީޤަތަކީ ކޮބައިބާއެވެ؟ އެކަމުގެ އަޑީގައިވަނީ ކޮންފަރާތެއްގެ އަތެއްބާއެވެ؟ ކަރާޗީގައި އުޅޭ ބަޔަކަށް މިކަންކަމުގެ ޙަޤީޤަތް ބެލުމަކީ މާބޮޑުކަމަކަށް ނުވާނެއެވެ. އަޅުގަނޑުގެ ރައްޓެއްސެކެވެ. އޭނާއަކީ ސަރުކާރުގެ އޮފީހެއްގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާއަކީ ޕާކިސްތާނުގެ މިހާރުގެ ޙުކޫމަތަށް ތާއިދުކުރާ މީހެކެވެ. އަދި ހަމައެހެންމެ މުހާޖިރެއްވެސް މެއެވެ. އޭނައާއި އަޅުގަނޑު ސުވާލުކޮށްލީމެވެ. “ކަލޭމެންގެ މީހުން ޕަޓާނުން (ޕުޝްތޫއިން) މަރަނީ ކީއްވެ ހެއްޔެވެ. އެމީހުންގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟” ޖަވާބުގައި އޭނާ ބުންޏެވެ. “ކަރާޗީއަކީ ސިންދުގެ ވެރިރަށެވެ. އެހެންކަމުން ކަރާޗީގައި އުޅެންޖެހޭނީ ހަމައެކަނީ ސިންދީންނެވެ.” ނިކަން ވިސްނާބައްލަވާށެވެ. އޭނާ ދިން ޖަވާބަކީ މިއީއެވެ. އަޅުގަނޑު ހިތަށްއެރިއެވެ. އިސްލާމުން ކަމަށް ދަޢުވާ ކުރަމުންދާ ބަޔަކު އެބައިމީހުންގެ އަޚުންނާ ދޭތެރޭގައި ދެކޭގޮތް މިއީއެވެ. މިއީ ބޮޑުވެގެންވާ ތަޢުއްޞުބެކެވެ. ކުރާނީ ކީއްހެއްޔެވެ. ގިނަ ޕަޓާނުންނަކީ މަސައްކަތްތެރި ހީވާގި ދީނަށް ލޯބިކުރާ ބައެކެވެ. ޙަޤީޤަތުގައިވެސް މައްސަލައަކީ ދީނަށް ލޯބި ކުރުމެވެ.

މިހިންގާ އަނިޔާވެރި ހަރަކާތްތަކުގައި މުހާޖިރުންގެ ބޮޑަކަށް ހުންނަނީ އަލްޠާފު ޙުސައިން ކިޔާ މީހެކެވެ. މީނާއަކީ އެމް. ކިޔު. އެމް (މުހާޖިރު/މުއްތަހިދާ ޤައުމީ މޫވްމެންޓް) ގެ ލީޑަރ އަދި ފައުންޑާރ މެމްބަރ ވެސްމެއެވެ. ދިރިއުޅެނީ އިނގިރޭސި ވިލާތުގައެވެ. އިނގިރޭސި ޙުކޫމަތުން އޭނާއަށް ޙިމާޔަތް ދެއެވެ. އޭނާ ޕާކިސްތާނަށް އަނބުރާ ނާންނާނެ ކަމުގައި އެންމެވެސް ބުނެއެވެ. އޭނާ ޕާކިސްތާނަށް އަތުވެއްޖެނަމަ އެއީ އޭނާގެ މަރުކަމުގައި ބުނެއެވެ. އެހެންކަމުން އޭނަ ހިންގާ އަނިޔާވެރި ހުރިހާ ހަރަކާތްތަކެއް ހިންގަނީ އިނގިރޭސި ވިލާތުގައި ހުރެގެން އޭނަގެ އެމް. ކިޔު. އެމްގެ އަޢުވާނުން މެދުވެރިކޮށެވެ. އެމް. ކިޔު. އެމް ހިންގުމަށްޓަކައި ފަންޑު ހޯދަނީ ކަރާޗީގެ ވިޔަފާރި ވެރިންނަށް ބިރުދައްކައިގެންނެވެ. ފަންޑު ނުދޭން ގަދަދައްކާލާ ކޮންމެ ވިޔަފާރިވެރިޔަކީ އަލްޠާފު ހުސައިންގެ ވަކިތަކުގެ ދަށުން ސަލާމަތްވުން ނާދިރު މީހެކޭ ދެންނެވިދާނެއެވެ.

އަޅުގަނޑުގެ ރައްޓެއްސެކެވެ. އޭނާއަކީ ޖިބްތީ މީހެކެވެ. އޭނާގެ އަންހެނުންނާއި ތިންކުދިން އުޅެނީ ކަރާޗީގެ ޑިފެންސް ކިޔާ ސަރަޙައްދެއްގައެވެ. އޭނާގެ ގެއަށް އަޅުގަނޑާއި އަޅުގަނޑުގެ ދެއަޚުން ކުރި ޒިޔާރަތެއްގައި ވާހަކަ ދައްކަމުން އޭނާ ބުންޏެވެ. “މިސަރަޙައްދުން ކޮންމެ މަހަކުވެސް އެމް.ކިޔު.އެމްގެ މީހުންތައް އައިސް ޓެކްސް ޖަމާކުރޭ. އެމީހުންނަށް ކޮންމެހެންވެސް ޓެކްސް ދޭންޖެހޭ. އެޕާރޓީ ހިންގައި، އަލްޠާފު ޙުސައިންގެ ޚަރަދު ބަރަދު ބަލަހައްޓަނީ މިހެން ހޯދާ ފައިސާއިން” މިހެންނެވެ. މިހިސާބުން އެމް.ކިޔު.އެމް އާއި އަލްޠާފު ހުސައިންނަކީ ކިހާވަރެއްގެ ބައެއްކަން އަޅުގަނޑަށް ދަސްވެ ނިމިއްޖެއެވެ.

ކަރާޗީގައި ހިންގާ ގިނަ ހަމަނުޖެހުންތަކަކީ ސީދާ އަލްޠާފު ޙުސައިންގެ ބެލުމުގެ ދަށުން ހިންގާ ހަމަނުޖެހުންތަކެކެވެ. އަދި އަލްޠާފު ހުސައިންނަށް ލަފާ އަރުވާ ހަދަނީ އެމެރިކާނުންނާއި އިނގިރޭސިންނެވެ. މިދެޤައުމުން ބޭނުންވަނީ ޕާކިސްތާނުގެ އެންމެހައި ކަންކޮޅުތަކުގައި މުސްލިމުންގެ މެދުގައި ބައިބައި ކުރުވައި ފިތުނަ ފަސާދަ އުފެއްދުމެވެ. އެމީހުން މިކަމުގައި ބޭނުން ކުރާ މީހަކީ އަލްޠާފު ޙުސައިންނެވެ. އިނގިރޭސި ވިލާތުގެ ޙުކޫމަތުން އޭނާއަށް ޙިމާޔަތްދެނީވެސް މިސަބަބާއި ހުރެއެވެ.

ކަރާޗީގައި މިވަގުތު ހިންގަމުންދާ ޢުދުވާނަކީ ސީދާ މުސްލިމު އުއްމަތް ބައިބައި ކުރުވުމަށްޓަކައި ސީދާ އެމެރިކާނުންނާއި އިނގިރޭސިންގެ ލަފާގެ މަތިން އަލްޠާފު ޙުސައިން ކުރަމުންދާ އަނިޔާތަކެކެވެ. މިނުލަފާ އަނިޔާވެރިންގެ ފަރާތުން މަތިވެރި ﷲ އަޅަމެންގެ އުއްމަތް ނަޖާކުރައްވާށި! އާމީން

ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ މީހުންގެ ހަގީގަތަކީ ކޮބައިބާ؟ މޭ 4, 2009

Posted by cry4allah in އިސްލާމްދީން, ދިވެހިން, ސިޔާސަތު.
3 comments

މިއަދު ދިވެހިރާއްޖައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ވާހަކައަކީ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދައުވާކުރާ ވަކިން ޖަމާޢަތް ހަދައިގެން ހުކުރުނަމާދުކުރާ ބައެއްގެ ވާހަކައެވެ. މިކަމާބެހޭގޮތުން އަޅުގަނޑު ޢަމަލީގޮތުން ބެލިބެލުމުގައި ސަރުކާރުން ފަތުރާ ވާހަކަތަކުގެ ޙަޤީޤަތެއްނެތްކަންވަނީ ސާފުވެފައެވެ. އަޅުގަނޑު އެޖަމާޢަތުގައި ނަމާދުކުރުމަށް ދެތިންފަހަރުމަތިން ގޮސްގެންވެސް ފެނުނު ކުލަވަރުތަކާއި އިވުނު އަޑުތަކަކީ މުޅިން ތަފާތުއަޑުތަކެކެވެ. އެމީހުންގެ ޚުޠުބާތަކަކީ ޢިލްމީ ގޮތުން މުއްސަނދި އަޑުއަހާލަން ފޫހިނުވާފަދަ އަސަރުކުރުވަނިވި ޚުޠުބާތަކެކެވެ. އަދި ސަރުކާރުން ދަޢުވާކުރާގޮތާއި ޚިލާފަށް އެމީހުންގޮވާލަނީ ދީނީ އެއްބައިވަންތަކަމަށެވެ. އަދި އެންމެން އެއްފަރާތަކަށް (އެބަހީ މާތް ﷲއަށް) އެކަނި އަޅުކަންކޮށް، ﷲގެ ޤާނޫނާއި އެއްގޮތަށް ޢަމަލުކުރާ ބައެއްކަމުގައިވުމަށެވެ.

މިގޮތުން މިޚަބަރުތަށް ބޮޑު ޞުރުޚީގައި ޖަހައިގެން ފަތުރަމުންދާތީ، ހިތާމަޔަކީ ކަމުގެ ޙަޤީޤަތް ނުބަލާތިބެ ޚަބަރުތައް ލިޔަމުން ކިޔަމުން ދާތީއެވެ. ކޮމެންޓުދެއްވާ ބޭފުޅުންވެސް މިކަމުގެ ޙަޤީޤަތް ޚުދުނުބަލާތިބެ ގޮތްތަށް ނިންމަމުންދާތީއެވެ. އަދި ދީނީގޮތުން ކަންއޮތްގޮތް ނުބަލާ ދީނީގޮތުން ޙުކުމެއް ކަނޑައަޅާތީއެވެ. އެކަމަކު ކަމުގެ ޙަޤީޤަތް ބެލިފަރާތްތަކަށް މިކަންވަނީ ސާފުވެފައެވެ. އެގޮތުން އެއިން ބޭފުޅަކު ވިދާޅުވެފައިވޭ:

“ޝަހީމްގެ ތިހަރުކަށި ވިސްނުމަށް ހިތާމަކުރަން. އަޅުގަނޑަކީވެސް ތިބުނާ މިސްކިތަށް ހުކުރަށް ދިޔަމީހެއް. އެމިސްކިތުގައިކީ ޚުޠުބާއަކީ ވަރަށް ޢިބުރަތްތެރި ވަރަށް ރަނގަޅު ޚުޠުބާއެއް. މައުމޫނުގެ ސަރުކާރުގަ އޭރުތިބިމީހުންވެސް ރައްޔުތުންނަށް ހާމަކުރަމުންގެންދިޔަ ދޮގު މަޢުލޫމާތު ހަމަ މިހާރުވެސް ކުރިއަށް އެގެންދަނީ. ޝަހީމު އެ ނިސްބަތްކުރާމީހުންނަކީ މުސްލިމުން، އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތައް ފުރިހަމައަށް ކުރެވޭތޯ މަސައްކަތްކުރާބައެއް. ވެދާނެ ފަހަރެއްގައި އެމީހުންގެ ތުނބުޅިތައް ދިގުވީމަ ހިތްހަމަ ނުޖެހެނީކަމަށް. ނަމަވެސް އެއީ އިސްލާމްދީނުގައި ސުންނަތެއްކަމުގައިވާނަމަ، އަޅުގަނޑު ދަންނަވާނީ އެއީކީ މައްސަލައެއްނޫނޭ، ހިތާމަޔަކީ މުޖުތަމަޢުގައި ބޮޑެތި މުންކަރާތްތަކާއި ބޮޑެތި ޖަރީމާތައް، މީގެ ތެރޭގައި އިސްލާމްދީނުން ބޭރުވާމީހުން ގިނަވުމާއި، އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރާމީހުން ގިނަވުމާއި، އިސްލާމްދީނާއި ދެކޮޅަށް މީޑިއާ ބޭނުންކުރުމާއި، ހައްދުފަހަނައަޅާދިޔުމާއި، ބޮޑެތި މާރާމާރީ ހިންގުމާއި، މީހުން ގަސްދުގައި މެރުމާއި، ޒިނޭ އާއްމުވުމާއި، ވައްކަމާއި ރިބާ ޢާއްމުވެފައިވާއިރު މިކަންތައްތައް ހުއްޓުވަން ހަމައެއްވެސް ހަރުކަށިކަމެއް ދެއްކުމެއްނެތި ހަމައެކަނި އެކަންތައްތަކާއިދެކޮޅަށް އެއްޗެއް ބުނެލުމުން ފުދޭނެކަމަށް ބެލުމަކީ ވަރަށްބޮޑު ގޯހެކެވެ. އެންމެފުރަތަމަ ބަލަންވީ އިސްލާމްދީނަށް އުޅޭމީހުން ނުހުއްޓުވާ އިސްލާމްދީނާ ޚިލާފަށް އުޅޭމީހުން ހަރުކަށިކަމާއެކު ހުއްޓުވޭތޯއެވެ.” (ހަވީރު ކޮމެންޓް)

ތެދެއް ދެއްތޯއެވެ؟ ދީނަށްއުޅެން މަސައްކަތްކުރާމީހުންގެ ޙަރަކާތްތަކަށް ބެލުމުގެ ކުރިން ނުކުރާމީހުންގެ ޙަރަކާތްތަށް ބަލާ އިޞްލާޙުކުރުން މާބުއްދިވެރިއެވެ. އަދި ނުކުރާމީހުންނަށް ޝަރުޢީގޮތުން ނަޞޭޙަތްދީ ނުވަތަ ޙައްޤު ޢަދަބުދިނުން މާމުހިއްމެވެ. ޙައްޤު އަދަބޭ ބުނީމަ މިއަދުގެ މުޖުތަމަޢުތަކަށް ސިފަކުރެވޭނީ ޤާނޫނު އަސާސީގެ މިވެނިމިވެނި މާއްދާއެއްގެ ދަށުން ކަންކުރުމަށެވެ. ވެރިރައްބުކަމުގައި ﷲ ޤަބޫލުކޮށް، އުޅެންވީގޮތް އަންގަވާދެއްވަވަން އަދި އެގޮތަށް ޢަމަލުން ދެއްކެވުމަށް ޕޮނުއްވެވީ ޞަލަވާތާއި ސަލާމް ލެއްވެވި ނަބިއްޔާކަމަށް ޤަބޫލުކޮށް، ހަމައެކަނި ﷲގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީންކަން ޤަބޫލުކުރާ ބައެއްގެ ހިތަށް އަރަންވީ އަމިއްލަޔަށް ހަދައިގެންއުޅޭ ހުޅަނގުގެ ކާފަރުންގެ އަމިއްލަ ޤާނޫނުތައް އެއްކޮށް މިކްސް ކޮށްފައިވާ އެފޮތްތޯއެވެ؟ ނޫނީ، އެފޮތަކުން މުސްލިމުން ޚުކުމްކުރަން އެންގެވި ﷲގެ ކަލާމްފުޅު، ﷲގެ ފޮތް، ކީރިތި ޤުރުއާންތޯއެވެ؟ ނަމަވެސް ޙަޤީޤަތް އޮޅުން ނުފިލާމީހުންގެ ޖަވާބަކީ ކޮބައިތޯއެވެ؟

“މިނިސްޓްރީގެ ސްޓްރެޓެޖީ ﷲ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ” (ހަވީރު ކޮމެންޓް)

މިނިސްޓްރީގެ ސްޓްރެޓެޖީއަކީ ކޮބައިތޯއެވެ؟ ﷲގެ ޤާނޫނާއި ޚިލާފަށް ޤާނޫނުހަދައި އަދި އެޤާނޫނަށް ތަރުހީބުދީ އޭގެ ހިމާޔަތުގަ ތިބޭބައެއްގެ އެހީ ހޯދައިގެން، ގަދަ ކީރިތިވަންތަ ﷲގެ ޤާނޫނަށް ގޮންޖެހުންތޯއެވެ؟ އަދި ﷲެގެ އިރާދަފުޅުން ކާމިޔާބުވާނެކަމަށް ދުޢާކުރަންވީ އެފަދަ ސްޓްރެޓެޖީއަކަށްތޯއެވެ؟ ﷲގެ ޝަރީޢަތާއި ޚިލާފަށް އެންމެން ގޮނޑިއަޅައިގެން ސައްލާކޮށް ހަދައިފައިވާ ޤާނޫނު އަސާސީ ހިމާޔަތްކުރާ ސްޓްރެޓެޖީތޯއެވެ؟

ކަންމިހެން އޮތުމާއެކު، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރާމީހުންގެ މައްސަލަ މިވަނީ ހައްދުފަހަނައަޅާ ދާމީހުންގެ ކަމެއްކަމަށް ވިސްނުވައިދީފައެވެ. އޭގެ ސަބަބުން ދިވެހިންގެ ތެރޭގައި އެމީހުންގެ ޙަޤީޤަތް ނޭނގިތިބެ ރުޅިއަންނަމީހުން ވަރަށް ގިނައެވެ. އަދި އެހެންމެ ސަރުކާރުން ހަދަމުންދާ ދޮގުތައް ފަޅާއަރަމުން ދިއުމުގެ ސަބަބުން، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރާމީހުންގެ އަދަދުވެސްދަނީ ގިނަވަމުންނެވެ. ކޮންމެއަކަސް، ސަރުކާރުން ފަތުރަމުންދަނީ ކަމުގެ ޙަޤީޤަތް ނުބަލާތިބެ މުޅިން ދޮގުވާހަކަތަކެއްކަން ހަމަގައިމުވެސް އަޅުގަނޑަށް ސާފުވެއްޖެއެވެ. އެކަމަކު، ތިޔަބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯ؟

-ކިޔުންތެރިއެއްގެ ޚިޔާލު-

ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ މީހުންގެ ވާހަކަ އެޕްރީލް 26, 2009

Posted by cry4allah in އިސްލާމްދީން, ދިވެހިން, ސިޔާސަތު.
4 comments

މުޅިންވެސް އަޑު އިވެނީ ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ މީހުންގެ ވާހަކައެވެ. ދީނީ ގޮތުން ހަރުކަށި ވުމޭ ތިޔަ ބުނާ ގޮތަކީ ކޮބާ ހެއްޔެވެ؟ އަޅުގަނޑަކަށް ނުވިސްނުނެވެ.

އާނއެކެވެ. ކަމެއް ވާކަށް ނޯވެއެވެ. މިބުނާ ހަރުކަށި ޚިޔާލު ގެންގުޅޭ މީހުންތައް ހަމަ މުންކަރާތެއް ފެންނަ އިރަށް މަނާ ކުރަނީއެވެ. ކުޑަ މިނުން އަންހެން ކުއްޖަކާއި ރައްޓެހިވެގެން، ހިތުގެ އެދުންތައް ފުއްދާލެވޭކަށް ވެސް ނޯވެއެވެ.

މިބުނާ ހަރުކަށި ޚިޔާލުގެ މީހުންނާއި ހެދި ﷲ ގެ ފޮތާއި ޚިލާފަށް، ޤާނޫނެއް ހަދައި އެޤާނޫނު މިދިވެހިރާއްޖޭގައި ތަންފީޒު ކުރެވޭކަށްވެސް ނޯވެއެވެ. މާތް ﷲ ގެ ޤާނޫނާއި ޚިލާފަށް ޙުކުމެއް ހަމަ ކުރާއިރަށް، ދެކޮޅަށް ނުކުމެ އަޑުހަރުކޮށް، އިހްތިޖާޖު ކުރަނީއެވެ. ކާފަރުންގެ ނިޒާމުކަމުގައިވާ ޑިމޮކްރަސީއަށް ވެސް އެއްޗެހި ގޮވަނީއެވެ. ޑިމޮކްރަސީގައިވާ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާވެސް މިބުނާ މީހުން ބެހެނީއެވެ. ދާދި ފަހުން މަޖުލީހުގައި މަލޭ މެންބަރު އިބްރާއާއި ލާމު އަތޮޅު މެންބަރު ރީކޯ މޫސާ އިސްލާމްދީނާއި މާތް ނަބިއްޔާގެ އަބަރުފުޅާ ބެހުމުންވެސް އެކަންވެސް ބޮޑު ކަމަކަށް ހަދައިފިއެވެ. ޚިޔާލު ފާޅު ކޮށްލެވޭކަށްވެސް ނޯވެއެވެ.

އަދި މިބުނާ ހަރުކަށި ޚިޔާލުގެ މީހުންގެ އެންމެ ހެއްވާ ކަމަކީ، ސަރުކާރުގެ ސިޔާސަތު ދިފާޢު ކުރުމަށްޓަކައި އިންތިޚާބު ކުރެވިފައިވާ ޢިލްމުވެރިންނަށް ރައްދުދީ ޚާލިޞް އިސްލާމްދީނަށް ނަޞޭޙަތްދީ ދަރުސް ދިނުމެވެ. މީކިހާބޮޑު ކަމެއް ހެއްޔެވެ. މިފަދަ ހައްދު ފަހަނަ އަޅައި ގޮސްފައިތިބި ހަރުކަށި ޚިޔާލުގެ މީހުންނާހުރެ ބޭނުން ގޮތަކަށް ވެރިކަން ހިންގޭކަށް ނޯވެެއެވެ. މިބައިމީހުން ބޭނުންވަނީ ހަމައެކަނީ ﷲ ގެ ފޮތަށް ޙުކުމް ކުރާށެވެ.

ދިވެހިރާއްޖޭގައި ތޫނު ހަތިޔާރުތައް ބޭނުންކޮށްގެން މީހުން ޒަަޚަމްކޮށް މަރާމީހުންނާއި، ވައްކަންކޮށް، މީސްތަކުންގެ މުދާތައް ފޭރުމާއި، މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ މީހުންނަށް ވުރެވެސް މިބައިމީހުންގެ ކަންތައް ބޮޑީއެވެ. ހަމަ މުންކަރާތެއް ފެންނައިރަށް މަނާ ކުރަނީއެވެ. ކިހާބޮޑު ކަމެއް ހެއްޔެވެ.

އަންހެން ކުއްޖަކަށް ގަޔަށް ބާރު، އައުރަ ނިވާކަން ކުޑަ ހެދުމެއް ލެވޭކަށްވެސް ނޯވެއެވެ. ހަމަ ނަޞޭޙަތްދީ އެކަން މަނާކުރުމަށް މަސައްކަތް ކުރަނީއެވެ. މީކިހާ ބޮޑު ކަމެއް ހެއްޔެވެ.

އަދި އެހެން ޙާދިސާއެކެވެ. ދާދި ފަހުން މާލޭގައި ސަލަތައި ނަމަކަށް ކިޔާ ރެސްޓޯރެންޓަކުން ބުދު ފައްޅިއެއް ހަދާފައި ހުރިކަން ފަޅާއެރުމުން، މިބުނާ ހަރުކަށި ޚިޔާލު ގެންގުޅޭ މީހުންތައް އެތަނަށްވެސް ވަދެ ހަޅޭލަވާ ހެދިއެވެ. ބުދުތައް ނަގާ ހުސްކުރުމަށް ގޮވާހެދިއެވެ. މީވެސް ކިހާ ބޮޑު ކަމެއް ހެއްޔެވެ. މިބުނާ ހައްދު ފަހަނަ އަޅައި ގޮސް ތިބި ހަރުކަށި ޚިޔާލުގެ މީހުންނާހުރެ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން އެހެން ދީނެއް ގެނެވޭކަށްވެސް ނޯވެއެވެ.

ޙަޤީޤަތުގައި ހައްދު ފަހަނަ އަޅައި ހަރުކަށި ޚިޔާލު ގެންގުޅޭ މީހުންނަކީ ކޮބާ ކަން އަޅުގަނޑަށް ބުނެދީ ބައްލަވާށެވެ!

އަޅުގަނޑަށް ހީވަނީ ޤުރްއާނާއި ޙަދީޘްއަށް ފުރިހަމައަށް ޢަމަލު ކޮށް، ސީދާ ދީނުގައި އަންގަވާފައިވާ ގޮތަށް ދަޢުވަތުދީ ނަޞޭޙަތްދޭ މީހުންނަކީ ޙަޤީޤަތުގައި އެބުނާ ޙައްދު ފަހަނަ އަޅައިހަރުކަށި ޚިޔާލު ގެންގުޅޭ މީހުންނެއް ނޫންހެނެވެ. ޙައްދު ފަހަނަ އަޅައި ކަރުކަށި ޚިޔާލުގެ ވެރިންނަކީ ﷲ ގެ ޝަރީޢަތާއި ދެކޮޅު، ޑިމޮކްރަސީއަށް މަރުދޭ މީހުންނެވެ. ޤާނޫނު ހަދައި މަޖުލީސްތަކުގައި އިށީނދެ ތިބެ އިލާހީ ޤާނޫނާ ޚިލާފަށް ޤާނޫނު ހަދާ މީހުންނެވެ.